ޕްރޮފައިލް
ގާނޫނީ ދާއިރާގެ ތަޖުރިބާކާރެއް
އިބްރާހިމް ޝިޔާމް (އިއްބެ) އަކީ ރ. އުނގުލު ދޮންއާދަނު އަލީގެ މޫސާ އަލީ އާއި ރ. އުނގުލު ބޮޑުވިޔަފާރި އާދަމް ޔޫސުފްގެ ހައްވާ އާދަމްގެ ނުވަ ކުދިންގެ ތެރެއިން އަށް ވަނަ ދަރިފުޅެވެ.
އޭނާ ވަނީ ބެޗްލާ އިން ޝަރިއާ އެންޑް ލޯގެ އިތުރުން، މާސްޓަސް އިން ބިޒްނަސް މެނޭޖްމަންޓް އަދި މާސްޓާސް އިން ލޯ ފުރިހަމަކުރައްވައިފަ އެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތްކުރައްވާތާ މިހާރު 10 އަހަރު ދުވަސް ވެއްޖެ އެވެ.
ދަށު ކޯޓުތަކުގަ އާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލުތުކުރުމުގެ ހުއްދަ އޭނާ އަށް ލިބިފައިވެ އެވެ.
ފާއިތުވެދިޔަ މާޒީގައި އޭނާ ސިޔާސީ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ސިޔާސީ ހައްޔަރީންނަށް ހިލޭސާބަހަށް ވަކާލާތުކޮށްދިނުމާއި އެމްޑީޕީގެ އެކިއެކި މަސައްކަތްތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
"ރައްޔިތުންގެ މަޖިލީހަށް ނުކުމެ މިހުރީ، ގާނޫނީ މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް، ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހިމެނޭ އަދި އޭގެން ރައްޔިތުންނަށް މަންފާ ކުރާނެ އެއްޗަކަށް ހެދުމަށް،" އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކޮށް، ދާއިރާއަށް ހައްގު ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމަށް މަސައްކަތްކުރުމުގެ މަގުސަދުގައި."
ޝިޔާމް ވިދާޅުވި ގޮތުގައި، އެހެން ކެންޑިޑޭޓުންނާ އޭނާ ތަފާތު ވަނީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ މަތިކުރާ ޒިންމާތައް އެނގޭ، ގާނޫނު ހަދާ މަޖިލީހުން ކުރާ މަސައްކަތްތަކަށް އަހުލުވެރި އަދި ފަރިތަ މީހަކަށް ވާތީ އެވެ.
ބައިބައިނުވެ އިސްކަންދޭނީ އެއްބައިވަންތަކަމަށް
"އަޅުގަނޑުގެ ސިޔާސީ ވިސްނުމަކީ ޑިމޮކްރަޓިކް އުސޫލުން ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިދެވޭނެ ނިޒާމެއްގެ ތެރެއިން ކަންކަން ތަރުތީބުވެގެން ދިޔުން. އަމާޒު ތަނަވަސްވިސްނުމުގެ ބަޔަކަށް ރައްޔިތުންވެ، ގައުމިއްޔަތުގެ ރޫހުގައި މަސައްކަތްކުރެވޭ ބަޔަކަށް ވެގެންދިޔުން،" އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން އަޅުގަނޑު ދެކޭ ތަސައްވުރަކީ ސިޔާސީ ގޮތުން މީހަކު ވިސްނާ ވިސްނުމަކީ ބައިބައިވުމުގެ އަސްލަކަށް ވުމުގެ ބަދަލުގައި، މަޝްވަރާއަށް މަގުފަހިކޮށްދޭ، އެއްބައިވަންތަކަމާއި މަސްލަސްކަމަށް ޖާގަ ހުޅުވައިދޭ ކަމަކަށް ވެގެންދިޔުން."
ފަހުބަސް ބުނާނީ ރައްޔިތު މީހާ
ޝިޔާމް ވިދާޅުވީ ބާރުވެރިކަން ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށްވާއިރު، ފަހުބަސް ބުނާ ފަރާތަކީ ރައްޔިތު މީހާ ކަމުގައި ވާން ވާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އުނގޫފާރު ދާއިރާ ތަމްސީލުކުރަން ރައްޔިތުން ހިޔާރުކުރާ ރައްޔިތުންގެ މަންދޫބަކަށްވެއްޖެ ނަމަ، މަޖިލީހުގައި މަސައްކަތްކުރާނީ މި ވިސްނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން އެ މަގާމަށް ހޮވަނީ ރައްޔިތުންގެ އަޑު އިއްވައި، ގައުމުގެ ސިޔާސަތުތަކާއި ގާނޫނުތައް ބައްޓަންވެގެންދަނީ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި،" އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް އިސްކުރާނީ އެންމެހާ ރައްޔިތުންގެ މަސްލަހަތު."
ޒުވާނުން ބާރުވެރިކުރުވުން
ޝިޔާމް ވަނީ ދާއިރާގެ ރަށްތަކުގައި ހިންގާ ކުޅިވަރާއި ކްލަބް ޖަމިއްޔާތަކުގެ ހަރަކާތްތަކަށް މިވީހާތަނަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އޭނާގެ މަގުސަދަކަށް ވެފައި އޮތީ، ޒުވާނުން އިޖުތިމާއީ ހަރަކާތްތަކުގައި ޝާމިލްވެ އުޅޭ މިންވަރު އިތުރުކޮށް، އެކަންކަން ތަރައްގީކުރުމަށް ހިތްވަރުދިނުމާއި މި ކަހަލަ ހަރަކާތްތަކުގެ ޒަރިއްޔާއިން ދާއިރާގެ އެންމެންގެ މެދުގައި ދުޅަހެޔޮކަމާއި ބަދަހި ގުޅުން އާލާވެގެންދިޔުމެވެ.
ދާއިރާގެ ރައްޔިތުންނަށް ގާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަމާއި ގާނޫނީ ލަފާދިނުމުގެ މަސައްކަތް ވެސް އޭނާ ކުރައްވަ އެވެ.
އަބަދުވެސް ރައްޔިތުންނާ އެކު
ޝިޔާމް ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މެދު ދެކޭ ގޮތް ބަދަލުކުރުމަކީ އޭނާގެ އެއް އަމާޒު ކަމަށެވެ. އެކަން ކުރުމަށް، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވާ މެމްބަރުންނަކީ އެ މަސައްކަތަށް އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ހުރި ބަޔަކަށް ވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ބަސް މަޖިލީހުގައި އިއްވާ، ދާއިރާގެ އެންމެހާ ރައްޔިތުންގެ ވިސްނުން ހިމެނޭ ގޮތަށް ގާނޫނުތައް ފަރުމާވެގެން އަންނަކަން ކަށަވަރުކުރެވޭނީ، އެ މަސައްކަތަށް އަހުލުވެރި ފަރިތަ މީހަކަށް. ދާއިރާގެ ރައްޔިތުންނަކީ ފޯރުންތެރި ބަޔަކަށް ހެދުމާއި، ޒުވާނުންނަކީ މަސައްކަތްތެރި އަދި މާލީ ގޮތުން ބާރުވެރި ބަޔަކަށް ވެގެންދިޔުން. މި ތަސައްވުރުތައް ހަގީގަތަކަށް ހެދުމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތަކުން އެކަމަށް ބޭނުންވާ މަގު ކޮށައިދިނުމުގެ ވިސްނުމާއެކު ނުކުމެ މި ހުރީ،" އޭނާ ވިދާޅުވި އެވެ.