ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

Language
part logo

Hussain Sageef

Vaikaradhoo Dhaairaa

Haa Dhaalu Atoll

ޕްރޮފައިލް

ސަގީފު: ދާއިރާގެ ހިދުމަތްތެރިއެއް

އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ހުސެއިން ސަގީފު އަކީ އޭނާގެ އުފަން ރަށުގައި އުޅުއްވައި، ބޮޑުވެ އެ ރަށުން ކިޔަވައިގެން ހުންނެވި ބޭފުޅެކެވެ. އައިޓީގެ ދާއިރާ އިން އިތުރު ތައުލީމު މާލެ އިން ހާސިލް ކުރައްވާފައިވާއިރު، އެ ދާއިރާގައި ގިނަ ދުވަސް، ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކި ކުންފުނިތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރެއްވި އެވެ.

އެ އަށް ފަހު، އޭނާގެ ސިޔާސީ ހަޔާތުގެ ފުރަތަމަ ފިޔަވަޅު 2014 ވަނަ އަހަރު އެޅުއްވި އެވެ. ވަރަށް ކާމިޔާބު އެ ފިޔަވަޅުގައި ސަގީފު އިންތިހާބުވީ ވައިކަރަދޫ ނިސްބަތްވާ ހދ. އަތޮޅު ކައުންސިލަށެވެ. އެ ދައުރުގެ ތެރޭގައި އޭނާ ވަނީ ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވައި، އަތޮޅަށް ގިނަ ހިދުމަތްތަކެއް ކޮށް ދެއްވައިފަ އެވެ.

ހާއްސަކޮށް ހދ. އަތޮޅުގައި ޓޫރިޒަމް ނެތުމުން، އެކަން ސަމާލުކަމަށް ގެންނަން ފެށި "ޓޫރިޒަމް ނެތް ހދ. އަތޮޅު" ކެމްޕެއިންގައި އިސްކޮށް މަސައްކަތްތަކެއް ކުރެއްވި އެވެ. އެ މަސައްކަތުގައި އޭނާ އަށް ގިނަ ހުރަސްތަކެއް ކުރިމަތި ކުރުވި އެވެ. އެކަމަކު، ކައުންސިލްތަކުގެ ބާރު އޭރުގެ ސަރުކާރުން އަތުލުމުން އިހުތިޖާޖު ކުރުމުގެ ގޮތުން އޭނާ ކައުންސިލުން އިސްތިއުފާ ދެއްވި އެވެ.

އޭގެ ފަހުން 2019 ވަނަ އަހަރުގެ މަޖިލިހުގެ އިންތިހާބުގައި ވެސް ވައިކަރަދޫ ދާއިރާ އަށް ސަގީފު ވާދަކުރައްވައި، ރަނގަޅު ތާއީދެއް ހޯއްދެވި އެވެ. ނަމަވެސް، އިންތިހާބު ކާމިޔާބު ނުވެ އެވެ. މިދިޔަ ފަސް އަހަރު އޭނާ ހާއްސަކުރީ ވަރަށް ޒުވާން އުމުރުން ވެސް ކުރަމުން އަންނަ ނޫސްވެރިކަމަށެވެ. ހދ. އަތޮޅުގެ އަޑު އިއްވުމަށާއި މައުލޫމާތުތައް ގެނެސްދޭ "ތިލަދުން"ގެ ނަމުގައި ނޫހެއް ހައްދައި އެ ނޫސް ހިންގުމުގައި މަސައްކަތް ކުރެއްވި އެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުބޫލުކަން ލިބުނު "ތިލަދުން"ގެ ފަރާތުން ސަގީފު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ވެސް އިންތިހާބުވެފަ އެވެ. އޭނާގެ ދައުރުގައި ނައިބު ރައީސްކަން އަދާކުރެއްވިއިރު މީޑިއާ ކުރިއެރުވުމަށް އޭނާ އިސްވެ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވެ އެވެ.

ބޭނުން ވަނީ ދާއިރާއަށް ހަމަޖެހުން

މީޑިއާގެ ކާމިޔާބު ފަސް އަހަރަށް ފަހު ސަގީފު މިހާރު އަނެއްކާ ނުކުމެ ހުންނެވީ ސިޔާސީ ދާއިރާ އިން ވައިކަރަދޫ ދާއިރާ އަށް ހަމަޖެހުމާއި ބާރުވެރިކަން ގެނެސްދިނުމުގެ އަޒުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސަގީފު ގަބޫލު ކުރައްވާ ގޮތުގައި ދާއިރާ އަށް އެންމެ ރަނގަޅު ގޮތަކީ އަދި ރައްޔިތުންނަށް ފައިދާހުރި ގޮތަކީ ދާއިރާއާ ގުޅޭ، ދަންނަ މީހަކު އިންތިހާބު ކުރުމެވެ. އޭނާ އަކީ ދާއިރާގައި އުޅެ ބޮޑުވެ، މިހާތަނަށް ވެސް ހިދުމަތް ކުރައްވައި، ރައްޔިތުންގެ އަޑު އިއްވަމުންދާ ބޭފުޅެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަގީފު ވިދާޅުވި ގޮތުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަކީ 'އަޖުމަ ބަލާލަން' ދޫކޮށްލާވަރުގެ ގޮނޑިއެއް ނޫނެވެ. މިއީ، ވައިކަރަދޫ އަލީ ކަތީބާއި ކުރިނބީ އަޙްމަދު އާދަމާއި ނެއްލައިދޫ މުދިން ކަލޭގެ ދައްކައިދިން މަގުން ނުކުމެ އެ ބޭފުޅުންގެ ކިބައިން ހިތްވަރު ލިބިގެން، ވައިކަރަދޫ ދާއިރާގެ ގޮނޑި އަކީ 'ފަހުރުވެރި' ގޮނޑިއަކަށް ހަދަންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ ރައްޔިތެއް

ވައިކަރަދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެވި، އެ މީހުންގެ އަޑާއި އުދާސްތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށް ސަގީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި އެމީހުންގެ ބޭނުންވާ ގޮތެވެ.

ސަގީފު ވިދާޅުވީ ދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަށާއި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރި ކަމާއި އަދިވެސް ދާއިރާގައި ކުރަމުން އަންނަ އިގުތިސާދީ ހަރަކާތްތަކުގެ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށްޓަކައި އޭނާ ކެރިގެން، ހިވާގިކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވިދާޅުވީ އޭނާ އަކީ ކަންކަން ކުރެއްވުމުގައި އަބަދުވެސް މަޝްވަރާގެ ރިވެތި އުސޫލު އިސްކުރައްވާ، އެ ކަމަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ތާއިދާ އެކު، އިންތިހާބުކޮށް ދީފި ނަމަ އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ މަޝްވަރާ ކަމަށެވެ.

ސަގީފު ވިދާޅުވީ ދައުލަތުގެ އެހެން ނިޒާމްތައް ފަސާދަވެ ތަރުތީބު ގެއްލެނީ މަޖިލިސް ފަސާދަވުމުން ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ ޒާތީ ތައައްސުބުން އެއްކިބާވެ، ގައުމީ ކަންކަމާއި ތަރައްގީގެ ކަންކަމުގައި ސަރުކާރަަށް އެއްބާރުލުންދީ، މަގުން ކައްސާލައިގެންދާ ހިނދު، ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ފަރާތް ކަމަށެވެ.

އެންމެ އިސްކަމެއް ދޭނީ ޓޫރިޒަމް ގެންނަން

ސަގީފު ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް މި ކުރިމަތިލީ ގޮނޑި ހޫނު ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވައި، ދާއިރާ އަށް ފާގަތިކަން ގެންނާށެވެ. އޭނާ ދެން ވެސް އެންމެ އިސްކަމެއް ދޭނީ ހދ. އަތޮޅަށް ޓޫރިޒަމްގެ ފައިދާ އޭގެ އެންމެ ފުޅާ ގޮތުގައި ގެންނާށެވެ.

"ރިސޯޓު ހަދަން ބައެއް ރަށްރަށް ހަވާލުކޮށްފައި އޮންނަތާ ވިއްސަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. އެއްކަމެއް ވެސް ނުކުރޭ. ނުކުރީމާ އަޅާލަން ކެރުނު މީހަކު ވެސް ނެތް. އަލަށް ރަށެއް އިއުލާން ކުރަން ދެ އަހަރު، މިއިން ކަމަކާ އަޑު އުފުލަން ކެރުނު މެމްބަރެއް ވައިކަރަދޫ ދާއިރާއަކަށް ނާދޭ. ބަލަނީ، ހިހޫ ތަނުން ކައިގެން ތިބެވޭތޯ،" ސަގީފު ވިދާޅުވި އެވެ.

"މި ތިލަދުންމަތީގައި ވަރަށް ހިތްގައިމު ޑައިވް ސައިޓް ތައް އެބަހުރި. ވިއްކޭނެ ޕޮއިންޓްތައް ބައިވަރު. ރީތި ރަށްތައް އެބަހުރި. ކުރަންވީ ކަމަކީ ދުނިޔޭގެ ފެންވަރުގައި މި ތަންތަން ޕްރޮމޯޓް ކުރުން. ފަތުރުވެރިންގެ ސަމާލުކަން ހޯދޭނެ ގޮތްތައް ހޯދުން."

ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ

ސަގީފު ދެއްވާ ޔަގީން ކަމަކީ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިހާބު ކޮށްފި ނަމަ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދީ، ނަތީޖާ ނެރެދޭނެ ކަމެވެ. އިގުތިސާދީ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހާއްސަކޮށް ޓޫރިޒަމްގެ ވިޔަފާރިއަށް ފަހި، އެހާމެ ފައްކާ ދާއިރާއަކަށް ވައިކަރަދޫ ދާއިރާ ހެދުމަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ މަސައްކަތެއް ސާބިތު ކަމާއެކު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"މަސްވެރިކަމާއި ދަނޑުވެރިކަމުން ހޯދާ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަނެ އެ މަސައްކަތް ކުރާނަން. މީގެ އިތުރަށް އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދާދޭނަން،" ސަގީފު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީން ކަމަކީ އަޅުގަނޑުގެ ފަރާތުން ތިޔަ ލޮބުވެތި ރައްޔިތުން، ލަދުގަންނަންޖެހޭ، ކަންބޮޑުވާންޖެހޭ، ދެރަވާންޖެހޭ، އެއްވެސް ކަމެއް ނުހިނގާނެކަން. އަޅުގަނޑު ވާނީ ނަޒާހަތްތެރި މީހަކަށް. ތިޔަ ބޭފުޅުން މި ފަހަރު ރަނގަޅު ބަދަލަކަށް އަޅުގަނޑު އިންތިޚާބު ކޮށްދެއްވާ. ކެނޑިޑޭޓް ނަމްބަރު ދެ އަކަށް ވޯޓް ދެއްވާ."

ސަގީފު ވިދާޅުވީ ދާއިރާގެ ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިވުން ވަރަށް މުހިއްމު ކަމަށާއި ނޫނީ ހޮވޭނީ މަދު ބަޔަކު ތާއީދުކުރާ މީހެއް ކަމަށެވެ.

Share this Profile