ޕްރޮފައިލް
ޖަވާބުދާރީ ކުރުވުމުގައި ނަމޫނާ ދައްކާނެ
އުމުރުން 30 އަހަރުގެ އަހްމަދު އަޒާން މަރްޒޫގް އަކީ އައްޑު އަށް އުފަން ޒުވާނެކެވެ. މެދު މަދަރުސީ ތައުލީމް އޭނާ ނިންމީ އައްޑޫއިންނެވެ. އޭގެ ފަހުން މެލޭޝިޔާގެ ކާޓިން ޔުނިވަސިޓީން މީޑިއާ ސްޓަޒީން އިން ފައުންޑޭޝަން ހެދުމަށް ފަހު އަޒަރުބައިޖާންގެ ސަރުކާރުން ލިބުނު ސްކޮލަޝިޕެއްގައި އެ ގައުމުގެ އަޒަރުބައިޖާން ޑިޕްލޮމެޓިކް އެކެޑެމީން އިންޓަނޭޝަނަލްގެ ދާއިރާއިން ތައުލީމު ހާސިލްކުރި އެވެ.
ތިމާވެށީގެ މުހިންމުކަމާއި މަސްތުވާތަކެތިން ދުރުހެލިވުމަށް ހޭލުންތެރިކުރުވުމަށް އައްޑޫގެ އިޖުތިމާއީ މަސައްކަތުގައި އޭނާ ހަރަކާތްތެރިވި އެވެ. އަދި އޭނާ އަކީ "އައްޑޫ ލައިވް" މީޑިއާގެ ފައުންޑިން މެމްބަރެކެވެ. މަދަރުސީ ދައުރުން ފެށިގެން އައްޑޫގެ ތަރައްގީ އާއި ގުޅޭ ގިނަ ކަންކަމުގައި އޭނާ ޝާމިލުވެ އުޅުނެވެ.
ދިވެހި ރެޑްކްރެސެންޓްގެ އިޖުތިމާއީ ދަރުމަވެރިއެއްގެ ރޯލު އޭނާ އަދާކޮށްފައިވެ އެވެ.
އަޒާން އަކީ ދިޔަރެސް ނޫހުގެ ފައުންޑިން މެމްބަރު ވެސް މެ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ނޫސްވެރިއެއްގެ ހައިސިއްޔަތުންނާއި އާރުޓީއައި އެކްޓިވިސްޓެއް ގޮތުގައި އޭނާ ހަރަކާތްތެރިވި އެވެ.
"ރައްޔިތުންނަށް ޖަވާބުދާރީވާނަން އަދި ސަރުކާރު ޖަވާބުދާރީ ކުރުވާނަން. އަދި މިއީ މި ސިޔާސަތާއިގެން މި ދާއިރާއަށް ކެމްޕެއިން ކުރާ ހަމައެކަނި ކެންޑިޑޭޓް،" އޭނާ ބުންޏެވެ.