ޕްރޮފައިލް
15 އަހަރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި
އީވާ އަބްދުﷲ އަކީ 2009 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. އަދި މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރައްވާފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އީވާ ވަނީ މަޖިލީހަށް މުހިންމު ގިނަ ބިލްތަކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި 2019 ވަނަ އަހަރު އޭނާ ހުށަހެޅުއްވި ވިސުލް ބްލޯވާ ޕްރޮޓެކްޝަން ބިލާއި 2022 ވަނަ އަހަރު ހުށަހެޅުއްވި އެސެޓް ޑިކްލެރޭޝަން ބިލަކީ ވެސް މަޖިލީހުން ފާސްކޮށް އަދި މިހާރު ތަސްދީގުކޮށްފައިވާ ވަރަށް މުހިންމު ގާނޫނުތަކެވެ.
އީވާ ވަނީ މަޖިލީހަށް ވަރަށް މުހިންމު ގަރާރުތައް ވެސް ހުށަހަޅުއްވައިފަ އެވެ.
އޭގެ ތެރޭގައި، ދައުލަތުގެ ދަރަންޏާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ބަލައި އެ ދަރަނި އަދާކުރުމަށް ސަރުކާރުން އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލައި މިދިޔަ އަހަރު ހުށަހެޅުއްވި ގަރާރު ހިމެނެ އެވެ.
އަންހެނުންގެ ހައްގުގައި އެންމެ ގަދަ "އަޑު"
އީވާ އަކީ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި މަޖިލީހުގައި އެންމެ ފާރަވެރިކޮށް މަސައްކަތް ކުރައްވާ އަދި މަޖިލީހުގައި އަންހެނުންގެ އަޑު އެންމެ ފުރިހަމައަށް އިއްވައިދިނުމުގައި އަބަދުވެސް ވަރަށް ބޮޑަށް އިސްކަންދެއްވާ މެމްބަރެކެވެ.
ރާއްޖޭގައި އަންހެނުންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ މައްސަލަތަކާ ގުޅޭ ދިރާސާއެއް ހަދައި އޭގެ އަލީގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުރުކުމަށް ގޮވާލައި މިދިޔަ އަހަރު މަޖިލީހަށް އޭނާ ގަރާރެއް ވެސް ހުށަހެޅުއްވި އެވެ.
އަންހެން ކައުންސިލަރުންނާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގަރާރެއް ވެސް 2022 ވަނަ އަހަރު އޭނާ މަޖިލީހަށް ހުށަހެޅުއްވި އެވެ. އަދި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުން ނައްތާލުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ނިޒާމުތަކާއި ގާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ ހާއްސަ އިންކުއަރީއެއް ހެދުމަށް ވެސް އީވާ ހުށަހެޅުއްވި އެވެ.
ސިޔާސީ ހަޔާތުން ފެންނަނީ ގާބިލުކަން
ރާއްޖޭގައި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި އީވާ އަބަދުވެސް އިސްކޮށް އުޅުއްވަ އެވެ. ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގައި އާއި 2008 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ހަގީގަތަކަށް ހެދުމަށް އޭރު އެމްޑީޕީން ކުރި ގައުމީ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ އުޅުއްވި އެވެ.
އީވާ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ ޒިންމާދާރު މަގާމަކަށް އިންތިހާބެއްގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އަދި 2009 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓި-ޕާޓީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވައި މަޖިލީހުގެ ގޮނޑި އޭނާ ކާމިޔާބުކުރެއްވި އެވެ.
އޭނާ މިހާރު ތަމްސީލުކުރައްވަނީ މިދިޔަ އަހަރު އުފެއްދި އާ ސިޔާސީ ޕާޓީއެއް ކަމަށްވާ "ދަ ޑިމޮކްރެޓްސް" އެވެ.
މީގެ ކުރިން އީވާ ވަނީ ޑަބްލިއުއެޗްއޯ އާއި ޔޫއެންއެފްޕީއޭގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި ދުވަހުނޫސް "މިނިވަން ޑެއިލީ"ގެ މެނޭޖަރުކަން ވެސް އޭނާ ކުރެއްވި އެވެ. އީވާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކެންޓުން ޕޮލިޓިކްސް އެންޑް ގަވަމެންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވާވިކް އިން ޕޮލިޓިކްސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް އޭނާ ހާސިލްކުރައްވާފައިވެ އެވެ.
ތެދުވެރި، ވަފާތެރި، ހިދުމަތްތެރި
އީވާ ވިދާޅުވި ގޮތުގައި، ވޭތިވެދިޔަ 15 އަހަރު ތެރޭގައި ދައުލަތުގެ އާމްދަނީ ފަސް ގުނަ އިތުރުވީ އިރު، މިއަދުގެ ޒަރޫރަތަކީ އަމިއްލަ މީހުންގެ ޖީބަށް ފައިސާ ވަނުމެވެ. ދައުލަތުގެ އާމްދަނީއަށް އައި ބަދަލު، އަމިއްލަ އާއިލާތަކުގެ ޖީބުން ފެންނަން ޖެހެ އެވެ.
ބޯހިޔާވަހިކަމާއި ވިޔަފާރި އާއި ވަޒީފާ އާއި މަތީ ތައުލީމުގެ ފުރުސަތުތަށް މާ ބޮޑަށް ފަސޭހަވެ، ތަނަވަސްވެ، އިތުރުވާން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އީވާ ވިދާޅުވީ މިކަންކަން ކުރެވޭނީ ބޭނުންވާ ގާނޫނުތައް ހަދައި ސަރުކާރު ޖަވާބުދާރީ ކުރެވިގެން ކަމަށެވެ. ސަރުކާރުން ކުރާ ހަރަދަށް ފާރަވެރިވާން ޖެހޭ ކަމަށާއި ދައުލަތުގެ ފައިސާއަކީ ގަލޮޅު އުތުރުގެ ބޯހިޔާވަހިކަމާއި މަތީ ތައުލީމާއި ވަޒީފާއަށް ވެސް ހުރި ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިންގުމުގައި ކޮރަޕްޝަން ނައްތާލާއި ސަރުކާރު ހިންގުން ކަންފަހިކުރުމުން، އެތައް އިސްރާފާއި އުނދަގޫތައް ނައްތާލެވި، އެތައް ހަރަދެއް ސަލާމަތްކުރެވި، ރައްޔިތުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް، ފަސޭހަކޮށް އަދި ގިނަގުނަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން ވެސް ކުރެވޭނީ ރައްޔިތުން މަޖިލިސްގެ މެމްބަރު، ސަރުކާރަށް ރަނގަޅަށް، ކެރިގެން ފާރަވެރިވެގެން،" އޭނާ ވިދާޅުވި އެވެ.