ޕްރޮފައިލް
ސިޔާސީ އިސްލާހާއި ސިޔާސީ ހިޔާލުތައް މާ ކުރިން
ހައްގު ބަސް ބުނާނެ އެވެ. ކަންކަން އިސްލާހުކުރުވަން ވެސް ކެރޭނެ އެވެ. މުރާލިވާނެ އެވެ. ތެދުވެރިވާނެ އެވެ. އަމިއްލަ މަސްލަހަތާއި މަންފާއަށް ވުރެން މުޖުތަމައާއި ގައުމު އިސްކުރާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކޮންމެހެން ހުންނަން ޖެހޭ ނަޒާހަތްތެރި މި ސިފަތައް ގަލޮޅު އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މުުހައްމަދު އިބްރާހިމް (ކުޑޫ)ގެ އެބަހުއްޓެވެ. އޭނާ ދަންނަ މީހުން ބުނާ ގޮތުގައި، މަޖިލީހުގައި ކޮންމެހެން އިންނަން ޖެހޭ "އެއްވަނައިގެ ކެންޑިޑޭޓެކެ"ވެ.
ކެންޑިޑޭޓު ނަމްބަރު އެކަކުން ކެމްޕޭންކުރާ ކުޑޫ ދޭ ޔަގީންކަމަކީ، ގަލޮޅު އުތުރު ދާއިރާގެ ގޮނޑީގެ އިތުބާރު އޭނާ ދަމަހައްޓާނެ އެވެ. ކިލަނބުވެފައިވާ ރައްޔިތުންގެ މަޖިލީހާ މެދު އިތުބާރު އުފައްދަން ބޭނުންވާ ނަމަ ކުޑޫ އެދެނީ އެ ދާއިރާގެ ރައްޔިތުން ވެސް އެ ބަދަލަށް މަސައްކަތް ކުރުމަށެވެ.
މަޖިލީހުގެ ތަޅުމުގައި ނޫނަސް ކުޑޫ މިހާތަނަށް ވެސް އަދާކުރީ މަޖިލިސް މެމްބަރެއްގެ ޒިންމާއޭ ބުނެވެން އެބައޮތެވެ.
ގައުމާ މެދު ކުޑޫ އަބަދުވެސް ވިސްނާކަން އަމަލުން ދައްކަ އެވެ. ގޯހުން ހިނގާ ކަންކަން ރަނގަޅުކުރަން ފޭސްބުކާއި ޓުވިޓާގައި ލިއެގެން ނަމަވެސް އަޑު އިއްވަ އެވެ. އެކަމަކު، ސިޔާސީ ހިޔާލެއް ފާޅުކުރުމުގައި ވެސް އިމެއް ގެންގުޅެ، ހައްދުފަހަނާޅައި ނުދެ އެވެ. އާއްމުން ހޭލުންތެރިކުރުވައި ފަރުދީ ޒިންމާއާ ގުޅޭ ކަންކަން ހަނދާންކޮށްދެ އެވެ. ސަރުކާރުގެ އިދާރާތަކުގެ އިހުމާލު ރަނގަޅުކުރަން އެތަންތަނަށް ހިނގައި އެޕޮއިންޓްމަންޓް ހޯދައިގެން މައްސަލަތައް ކޮޅެއްގައި ޖައްސަން ވެސް މަސައްކަތް ކޮށްފައި އެބަހުއްޓެވެ.
ސިޔާސީ މީހެއްގެ ގޮތުގައި ނޫނަސް މިހާ ދުވަސްވަންދެން ކުޑޫ މިގޮތުގައި ދެމިހުރީ ކަންކަން ހަމަ މަގަށް އަޅުވަން އޭނާ ޝައުގުވެރިވާތީ އެވެ.
ކުޑޫ ބުނާ ގޮތުގައި އެއީ އިންސާނަކަށް ވީތީ ވެސް އޭނާއަށް އޮތް ޒިންމާއެކެވެ. މި ގައުމުގައި ދިރިއުޅޭ ފަރުދަކަށްވީތީ އެ ޒިންމާ ވަކިން ބޮޑު ކަަމަށް ދެކެ އެވެ.
ކުޑޫ ހާދަ ކަމަކާ ބެހެއޭ ބުނާ އަޑުއަހަން އޭނާއަށް ޖެހެ އެވެ. އެއީ، ވެސް އޭނާގެ މިޒާޖުގައި އަށަގަނެފައިވާ ކަންކަން ރަނގަޅުކުރުމުގެ ވިސްނުމާ ހެދި އެވެ.
"ހުރިހާ ކަމަކާ ނުބެހޭތީ މާލެ މިހާ ހާލުގައި މިއޮތީ. އުނދަގުވާ ކަންކަމުގައި އެންމެން ވިސްނައި ފިކުރުކުރާ ނަމަ, ފަރުދީ ޒިންމާ އަދާކުރާ ނަމަ މި މުޖުތަމައު މިއަށް ވުރެން ރަނގަޅުވާނެ. ގައިމު ވެސް އަހަރެން ބަދަލެއް ބޭނުން. ހަމަ ބަލަން ތިބެފައި ނުހޯދޭނެ. މަސައްކަތްކޮށްގެން އެ ބަދަލު ގެނެވޭނީ," ކުޑޫ ބުންޏެވެ.
މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާއަށް ކުޑޫ ވާދަކުރާ ސަބަބަކީ ވެސް މި އެވެ. އެ ދާއިރާގެ ކެންޑިޑޭޓު މަޖިލީހުގައި ތަފާތު ދެއްކުމެވެ.
"ހުރިހާ ކަމަކާ ބެހެނީއޭ ބުނާނެ. އާ ބެހޭނަން. މިތާ އުޅެންޏާ ބެހެވޭނެ. ކަންތައްތައް ރަނގަޅުކުރަން, މި އެންމެންނަށް މި ނޫން ދުވަހެއް ދައްކަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރާނަން."
ކުޑޫ ގަބޫލުކުރާ ގޮތުގައި ކަމެއް ވަރިހަމަކޮށްލައިގެން މޮޅެއް ނުހޯދޭނެ އެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަންކަމުގައި އަޑުއުފުލުމަށް ފަހު މިހާރު ނުކުމެ ހުރީ ވަރަށް ރަސްމީކޮށް ހައްގު ބަސް ބުނުމަށެވެ.
"ތުހުމަތެއް ނުކުރެވޭނެ، އެއަށްވުރެން އިތުބާރު ހިފޭނެ"
ގިނަ ބައެއްގެ ގޮވައިގެން މަސައްކަތުގައި އުޅެފައި ހުރި ކުޑޫގެ ކެމްޕޭންގައި، މިހާތަނަށް ހިޔާނާތުގެ ތުހުމަތެއް ނެތެވެ. އޭނާއަށް ތާއީދުކޮށް، ކެމްޕޭންގައި ވާހަކަ ދެއްކި އެންމެން ވެސް ބުނަނީ، "ކުޑޫ މަޖިލީހުގައި ކޮންމެހެން އިންނަން ޖެހެ" އެވެ. އޭނާއަކީ، އިތުބާރު ހިފޭ މީހެއް ކަަމަށެވެ.
މިޒާޖުގައި ހުންނަ ގޮތުން، ކުޑަ ވަގުތުކޮޅަކަށް ބައްދަލުވާ މީހާއާ ވެސް ކުޑޫ ލައްކަ ވާހަކަ ދައްކާނެ އެވެ. ރުޅި އައުމާއި ޒާތީ ހަސަދަވެރިކަމަކީ އޭނާގެ ސިފައެއް ނޫނެވެ. އެންމެންނާ ގުޅޭނެ އެވެ.
ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުވެގެން އައި، އިސްލާހީ މަސައްކަތަށް ލޯބިކުރި ކުޑޫ ސިޔާސީ ދާއިރާގައި މިހާތަނަށް އުޅުނީ އެހާ ފާޅުގައެއް ނޫނެވެ.
އޭނާ ބުނި ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ވެސް ތާއީދުކުރީ އެމްޑީޕީގެ ފިކުރަށެވެ. އެންމެ އިސް ސަފުގައި ނޫނަސް މުޒާހަރާތަކުގައި ވެސް ބައިވެރިވެ އެވެ.
އެކަމަކު ސިޔާސީ ކަންކަމަށް ވުރެން ބޮޑަށް ގިނަ ބައަަކަށް ކުޑޫ މަޝްހޫރު ވެފައި އޮތީ، ހޮލީވުޑްގެ އެންމެ މަތީ ފެންވަރުގެ ބަޔަކު ގެނެސްގެން ސްޓާ ވޯޒްގެ "ރޯގް ވަން" ފިލްމުގެ 20 މިނެޓް ރާއްޖޭގައި ޝޫޓްކުރުމުގެ ފަޚުރުވެރިކަން ހޯދައިދިން ދިވެއްސެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ސަޅި މަންޒަރުތައް ނަގަން ކުޑޫ އިސްވެ ހިންގި ވަރުގަދަ އޮޕަރޭޝަނުން އޭނާ ދަންނަ މީހުން ގިނަ އެވެ.
އޭގެ މާކުރިން އޭނާ ވަނީ ރާއްޖޭގެ އިގްތިސާދަށް އާ ހިދުމަތްތަކާއި މަސައްކަތް ތައާރަފްކޮށް ތަރައްގީކޮށް ކުރިއެރުވުމުގެ ރޮނގުން ގައުމީ އިނާމު ވެސް ހޯދައިފަ އެވެ.
"ޕާޓީ ބަދަލުކޮށް، ގަލޮޅު އުތުރު ގޮނޑީގެ އަގު ވައްޓައެއްނުލާނަން"
ރައްޔިތުންގެ މަޖިލީހުގެ ހަތަރު ފާރުގެ ތެރޭގައި ހިނގާ ކަންކަން އިސްލާހުވާން ޖެހެ އެވެ. ރައްޔިތުންގެ އިތުބާރު އެތަނާ މެދު ވަރަށް ބޮޑަށް ގެއްލިއްޖެ އެވެ. އަމިއްލަ މަސްލަހަތާއި މަންފާއަށް ކަންކަން ކުރާ ތަނެއްގެ ގޮތުގައި ލޭބަލްވެ ނިމުނުއިރު، ދާއިރާގެ ރައްޔިތުންނަށް ވައުދުވާ ކަންކަމުގެ މައްޗަށް ދޭ ވޯޓުގެ އަގު ވައްޓާލުން ވެސް މެމްބަރުންނަށް މާބޮޑު ކަމަކަށް ނުވެ އެވެ.
ކުޑޫ ބޭނުމީ، މިކަހަލަ މެމްބަރެއްގެ ގޮތުގައި އޭނާ ލޭބަލްވިޔަ ނުދޭށެވެ. ހޮވުނު ގޮތަށް ހުރެ، ފަސް އަހަރުގެ ދައުރު ނިންމުމަށެވެ. ނަޒާހަތްތެރި މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމުގެ އިތުބާރު ވެސް އުފައްދައިދޭން ޖެހޭއިރު، އޭނާ ދައްކާނީ އެ ނަމޫނާ އެވެ.
މަޖިލީހުގެ ތެރެއިން ސިޔާސީ އަމަލީ މައިދާނަށް ކުޑޫ މި ނުކުންނަނީ އިދިކޮޅު ޕާޓީ, އެމްޑީޕީންނެވެ. ވަކިކޮޅަކަށް ޖެހިގެން ގޮސް ހެޔޮނުބައި ވަކިނުވާވަރު ނުވާނެ ކަމުގެ ޔަގީންކަން ގާތް މީހުންނަށް ވެސް އޮންނަ ކުޑޫ އެ ޕާޓީން ވާދަކުރަނީ އޭނާ ބުނި ގޮތުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ފެންނަން އޮތް ހަގީގަތަށް ބުރަވެ އެވެ.
ކުޑޫ ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި އޮތީ ދެ ފިކުރުކަން ވަރަށް ސާފުކޮށް ނަތީޖާއިން ކަނޑައެޅިފައި އޮތް އިރު އަމިއްލަ ގޮތުން ވާދަކޮށްގެން ކުރިއެރުމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
މަޖިލީހަށް ބެލިޔަސް އަމިއްލަ ގޮތުން ވާދަކޮށްގެން މިހާތަނަށް ހޮވުނު މެމްބަރުން ވެސް ތިބީ ކޮންމެވެސް އެއްފަޅިއަކަށް ޖެހިފަ އެވެ. އެއަށް ވުރެން ރަނގަޅު ގޮތަކީ އޭނާ ދެކޭ ގޮތުގައި ސިޔާސީ ފިކުރުގެ ތެރެއިން އޭނާ ހުރި ގޮތް ވެސް ސާފުވެ އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމެވެ.
އެމްޑީޕީގެ ޓިކެޓުގައި ނުކުތީ ކުޑޫ ބުނި ގޮތުގައި، އޭނާއަށް އެއްބަސްވެވޭ ގަބޫލުކުރާ ވަރަށް ގިނަ އުސޫލްތައް އެމްޑީޕީން ހިފަހައްޓާތީ އެވެ.
"އަހަރެން މީ ރަން ރީނދޫ އެމްޑީޕީން ނުކުމެ ހުރި މީހާ ކަން ދާއިރާގެ ރައްޔިތުންނަށް މިހާރު ކެރިގެން ބުނެވޭނެތާ. އެއީ ވެސް ކިހާ ބޮޑު އެޗީވްމަންޓެއް, 59,000 މެމްބަރުން ތިބި އިދިކޮޅު ޕާޓީގެ ފަރާތުން މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރާކަން. އަނެއްކާ ގަލޮޅު އުތުރަކީ އެމްޑީޕީ ދެކެ ލޯބިވާ އެތައް މެމްބަރުން ތިބި ދާއިރާއެއް,"
ވާދަ ނުކުރަންވީ އެއްވެސް ސަބަބެއް ނެތް!
ގަލޮޅު އުތުރަށް ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާއިރު ކުޑޫ ކުރިމަތިލީ ސަބަބު އަހާ މީހުންނަށް އޭނާގެ ވެސް އޮތީ ސުވާލެކެވެ.
"އަސްލު ކީއްވެ ނުލާންވީ"؟
"ބަދަލުކުރަން އެދޭ މީހާއަކީ ތިމާ ކަމަށް ވަންޏާ ފުރަތަމަ ތިމާ ޖެހޭނެ ބަދަލުވާން ވެސް. އެ ބަދަލު ގެންނަން ކޮންމެވެސް ބަޔަކު ނުކުންނަން ޖެހޭ. މޮޅުވިއްޔާ މޮޅުވީ. ދެރަވިއްޔާ ދެރަވީނުން. އެކަމަކު އެންމެ ބޮޑު ކާމިޔާބަކީ ކަމަކާ ކުރިމަތިލުން. އަދި އެކަން ކާމިޔާބުކުރަން މަސައްކަތް ކުރަން," ކުޑޫ ބުންޏެވެ.
ކުޑޫ ވާދަކުރީ އޭނާ ބުނި ގޮތުގައި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތީމަ އެވެ. އެކަމުގައި ވޯޓާ ހަމައަށް ވެސް އޭނާއަށް އޮތް ޒިންމާއަކީ ދާއިރާގެ ރައްޔިތުންގެ އަޑުއަހައި މަސައްކަތް ކުރުމެވެ.
އޭނާ ބުނި ގޮތުގައި ގަލޮޅު އުތުރުގެ ރައްޔިތުން ބޭނުންވާ ކަންކަން އެ މީހުންގެ ދިރިއުޅުމުގެ ދަތިތައް އޭނާއަށް އެނގެ އެވެ. ހުނަރުވެރި އެތައް ޒުވާނުންގެ ކަންބޮޑުވުން އެނގެ އެވެ. އެއިން ކޮންމެ ޒުވާނަކީ އެއް ކަމަކަށް ވުރެން ގިނަ ކަންކަން ކުރެވޭނެ ގާބިލްކަން ހުރި ބައެކެވެ.
އޭނާގެ އެންމެ ބޮޑު އެއް އަޒުމަކީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށް، އެ ދާއިރާއިން ވާދަކުރަން އޭނާއަށް އަތުގައި ހިފައިގެން، ޒުވާން ކެންޑިޑޭޓެއް ދެއްކޭވަރަށް އެކުގައި މަސައްކަތް ކުރުމެވެ. ގޮނޑިން އޭނާ ތެދުވާއިރު ވާދަކުރަން ބޭނުންވާ ގާބިލް އެހެން މީހުން ދާއިރާގެ ރައްޔިތުންނަށް ނުދެއްކޭ ނަމަ ކުޑޫ ގަބޫލުކުރާ ގޮތުގައި އެއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމެއް ނޫނެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ގަލޮޅު އުތުރު ދާއިރާގެ މައްސަލަތަކަށް ހައްލު ނުހޯދި ދިގުލައިގެން ދިއުމަކީ ހައްގު މިންވަރެއް ނޫނެވެ. އެ ދާއިރާ ހިމެނޭހެން މާލޭގައި ހަމައަކަށް އަޅުވަން ޖެހޭ ކަންކަމުގައި ގާނޫނީ ހައްލުތަކެއް ހޯދައިދޭން ޖެހޭ ކަމަށް ކުޑޫ ބުންޏެވެ.
ލިސްޓުގެ އެންމެ ކުރިއަށް ބޯހިޔާވަހިކަން
ލިސްޓުގެ އެންމެ ކުރީގައި އޮތީ ބޯހިޔާވަހިކަމެވެ.
ބާއިންޖީނުގޭ ކައިރީގައި ޓިނު ޖަހައި ބަންދުކޮށްފައި ހުރި ޕާކު ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ހަމަ ނޭވާލާން ހުޅުވާލަން ޖެހޭ ކަމަށް ކުޑޫ ބުންޏެވެ. މާލޭގެ މަގުމަތީގެ ހަލަބޮލިކަން ނައްތާލަން ޖެހެ އެވެ.
"ގަލޮޅު އުތުރަށް ވަކި ހާއްސަ ކަމެއް ނެތް. ހައްލުކުރަން ހުރި ކަންކަމަކީ ޖުމްލަކޮށް މުޅި މާލެއަށް ވެސް ހައްލު ހޯދައިދޭން ހުރި ކަންކަން. މަޖިލީހަށް ވާދަކުރާ ޕާޓީގެ މެނިފެސްޓޯގައި އެބަހުރި ވަރަށް ގިނަ ހައްލުތަކެއް މާލެއަށް ހުށަހަޅާފައި."
އޭނާ ދެކޭ ގޮތުގައި އެ ހައްލުތަކުން މާލެއަށް ލުއި ފަސޭހަކަން އަންނާނެ އެވެ.
ގުނައި އަދަދު ނުކުރެވޭ ވަރަށް ގާނޫނުތައް ރާއްޖޭގައި ހަދާފައި ހުއްޓަސް ތަންފީޒު ނުކުރެވުމުގެ ކަންބޮޑުވުން ވެސް ކުޑޫގެ އޮވެ އެވެ. އެއީ އޭނާ ދެކޭ ގޮތުގައި ގައުމެއްގެ ރައްޔިތުންނަށް ވެވޭނެ އެންމެ ބޮޑު އެއް އިހުމާލެވެ. ގާނޫނު ނުހިނގުމެވެ.
ނަޒާހަތްތެރި މެމްބަރުންތަކެއް ތިބި މަޖިލީހެއް ކަމުގެ އިތުބާރު ވެސް އުފައްދައިދޭން ޖެހެ އެވެ. އޭނާ ދައްކާނީ އެ ނަމޫނާ އެވެ.
އޭނާ އެންމެ ގަދައައަށް އަޑުއުފުލާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު މަތިވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް ގޮތް ބަދަލުކުރުމެވެ. ކުޑޫ ދެކޭ ގޮތުގައި މެމްބަރުންގެ އަދަދު ތިރިކުރަން ޖެހެ އެވެ. އެ އަދަދު 60 ގައި ހިފެހެއްޓެން ޖެހެ އެވެ.
"މިހާރު މިދާ ރޭޓުން ކަމަށް ވަންޏާ މަޖިލިސް ވެސް ބޮޑުކުރަން ޖެހޭނެ އިމާރާތް ވެސް ތަޅާލަން ޖެހޭނެ. މިހެނެއް ނުވާނެ މިކަމެއް. މީހުން ވެސް މަދުކުރަން ޖެހޭ. މުސާރަ ވެސް އިނާޔަތްތައް ވެސް ތިރިކުރަން ޖެހޭ." ކުޑޫ ބުންޏެވެ.
"ހާދަ ގޯސްކޮށޭ މަޖިލިސް މެމްބަރުންނާ މެދު މިހާރު ދެކެނީ ވެސް. ގާތް ތިމާގެ މީހުންނާއި ރައްޓެހިން ވެސް ވަރަށް ހިތުގައި ޖެހޭ އެއްޗެހި ބުނޭ މަޖިލިސް މެމްބަރެއްގެ ވާހަކަ ދެއްކީމާ."
އެއީ މަޖިލީހަށް ވާދަކުރަން ކެންޑިޑޭޓުން ވައުދުވެ މަޖިލީހުގައި އެ ދާއިރާއަކުން އެދޭ މިންވަރާ ގާތަށް ވެސް މެމްބަރުންނަށް މަސައްކަތް ނުކޮށްދެވި އަމިއްލަ މަސްލަހަތާއި މަންފާ އިސްކުރާތީ އެވެ.
ކުޑޫ ފެންނާނީ ކޮން ކަހަލަ މެމްބަރެއްގެ ގޮތުގައި؟
ކުޑޫ އެދުނީ އޭނާގެ ޓްރެކް ރެކޯޑަށް ބަލާލާށެވެ. އުމުރުން 51 އަހަރު ވި އިރު ހިޔާނާތާއި ވައްކަމާއި މަކަރާއި އޮޅުވާލުމުގެ ތުހުމަތު ނުކުރެވޭ އިރު އޭނާގެ ދާއިރާއަށް އިހްލާސްތެރި ނުވާންވީ ސަބަބެއް ނެތް ކަމަށް ބުންޏެވެ.
"ބުނި ބަހުގެ އިތުބާރު ދަމަހައްޓަން. މަސައްކަތެއް ކޮށްފިއްޔާ އުޖޫރަ ދެން. ހަވާލުވި ކަމެއް ވެއްޖިއްޔާ ނިންމަން. މިހާ ހިސާބަށް އައިއިރު ނުކުރާ ކަމެއް ދެން ވެސް ކުރާކަށް ގަސްތެއް ނުކުރަން," ކުޑޫ ބުންޏެވެ.
"ޔަގީން ކަމެއް އެއީ, އިރާދަކުރައްވައިގެން ހޮވިއްޖިއްޔާ އެމްޑީޕީގައި ހުންނާނަން. އެހެން ޕާޓީއަކާ ނުގުޅޭނަން. މީހުންނަށް ފިލައިގެން ނޫޅޭނަން. ދާއިރާގައި ކުރާ މަސައްކަތްތައް ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ދެފުށްފެންނަ ގޮތަށް ހަދަން އޮފީހެއް ވެސް ހުޅުވާނަން. މީހުންނާ ވާހަކަ ދެއްކޭ ގޮތަށް ފެންނަ ހިސާބުގައި އިންނާނަން,"
ކުޑޫ ބުނި ގޮތުގައި ގަލޮޅު އުތުރުން އޭނާއަށް އިތުބާރު ކުރަން ޖެހޭ ސަބަބަކީ ކުރާ ކަމެއްގައި ދެގޮތެއް ނުވެ ދެމިހުންނާނެތީ އެވެ. މެމްބަރަކަށް ވީތީ އޭނާގެ މިޒާޖުން ފެންނާނެ ބަދަލެއް ނެތެވެ.
"މިތާ އުޅެންޏާ ބެހޭނަން. ކަންތައްތައް ރަނގަޅުކުރަން ބެހެވޭނެ. މި އެންމެންނަށް މި ނޫން ދުވަހެއް ދައްކަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. ވަރަށް ސިމްޕަލް. ބަދަލެއް ގެންނަންޏާ އާ ބަޔަކު ދާއިރާ އިން ދައްކަން ޖެހޭނެ. ނޫނީ ހަމަ މިގޮތަށް ދާނީ. ދާއިރާ މެމްބަރުން ތިބެން ޖެހޭނީ މައްސަލަ ޖައްސާލަ ޖައްސާލާ."
އޭނާއަށް އޮތް ހިތްހަމަޖެހުމަކީ ގަލޮޅު އުތުރުގެ ރައްޔިތުންނަކީ ވިސްނުންތެރި, ހޭލުންތެރި ބައަކަށް ވުމެވެ.
"ގަލޮޅު އުތުރުން އެމްޑީޕީ ދޫކޮށް ނުލާނެ. އެ ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިއެއް. އިރާދަކުރެއްވިއްޔާ ދެން ވެސް އެ ދާއިރާ އިން ގޮނޑި ދިފާއުކުރާނެ."